ދުވަހަކީ ރަމަޟާންމަހުގެ ފަހުދިހައިގެ ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. ރޯދަ ވީއްލުމައްޓަކައި ކާއެއްޗެހި ތައްޔާރުކުރަން އަހަންނަށް ބަދިގެއަށް ވަދެވުނުއިރު ހަވީރު ހަތަރެއް ޖަހައިފިއެވެ. ރޯދަ ވަރުބަލިކަމުން އޮށޯވެއޮވެވުނީއެވެ. އޭރު އަހަރެންގެ ފިރިމީހާ އާއި ދެދަރިންވެސް ގެއަކު ނޫޅެއެވެ. އަހަންނަށް ލިބިފައިވަނީ ދެފިރިހެން ކުދިންކަމުން ބަދިގެ ތެރޭގައި އުޅެންޖެހެނީ އަހަރެން އެކަންޏެވެ. އަތްގާތްކޮށްލަދޭނެ މީހަކުނުހުރެއެވެ.
މާލަހުން ބަދިގެއަށް ވަދެވުމުން މާގިނަ ބާވަތްތަކެއް ތައްޔާރުކުރާހިތެއް ނުވިއެވެ. ރޭގައި ފިރިމީހާ ބާޒާރަށް ގޮސްފައި ގެނައި ބަރަބޮލަކާއި ފަޅޮލެއް އޮތުމުން އަހަރެން ނިންމީ ބަރަބޮލުގައި މަސްހުނިލައި، ރޯދަ ވީއްލުމަށް ރޮށްޓާއި ބަރަބޯ މަސްހުނި ހެދުމަށެވެ. އަދި ފަޅޮލުގައި ފަނިގިރުމަށެވެ. ފަޅޯފަންޏަކީ އަހަރެންގެ ފިރިމީހާއަށް ވަރަށް މީރު ފަންޏަކަށްވީމައެވެ.
ކޮންމެއަކަސް ފުރަތަމަ އަހަރެން ކުރިމަތިލީ ރޮށި ފިހުމުގެ މަސައްކަތާއިއެވެ. މިއީ ވެސް ލުއި މަސައްކަތެއް ނޫނެވެ. މިމަސައްކަތުގައި އުޅުނުއިރުވެސް ވަރަށް ބޮޑަށް ވަރުބަލިވެ ބައެއްފަހަރު ލޯމައްޗަށް އަނދިރިވެސްވެއެވެ. މިކަހަލަ ގޮތްގޮތް މިވަނީ ރޭގައި ހާރު ނުކައި މިއަދު ރޯދައަށް ހުރުމުންކަން އަހަންނަށް އެނގެއެވެ.
ރޮށިފިހެ ނިމުނުއިރު ހުރީ މާބޮޑަށް ވަރުބަލި ވެފައެވެ. ދެނ މަސްހުނިލުމައިގެން އުޅެން ފަށައިފީމެވެ. ބަރަބޯ މެށިތާނގައި އަވަސްކޮށްލަންވެގެން ފަޅޯވެސް މަށައި ކޮށައިލީމެވެ. އެތައް އުނދަގުލަކުން ބަރަބޯ މަސްހުންޏާއި ފަޅޯފަނިވެސް ގިރިއްޖެއެވެ. އޭރުހުރީ ބަންގިގޮވަން އެންމެ ފަސް މިނެޓަށް ވެފައެވެ. ގޭތެރެއަށް ވަންއިރު ފިރިމީހާއާއި ދެދަރިންވެސް ގެގައި ތިއްބެވެ.
ބަންގިގޮވުމުން ރޯދަވީއްލުމަށް އެންމެން ދިޔައީމެވެ. އަހަރެން ގޮސް ކޮންމެމީހަކަށް ފަނިތައްޓަކާއި މަސްހުނި ތައްޓެއް އަޅައިދިނީމެވެ. އެންމެން ކާން ފަށައިފިއެވެ. ކޮންމެ މީހަކުވެސް ފުރަތަމަ ސުވާ އަނގައަށްލުމަށްފަހު ހުއްޓުން އަރައިފިއެވެ. އެކަކު އަނެކަކުގެ މޫނަށް ބަލަން ފެށިއެވެ. އަހަރެންވެސް ފުރަތަމަ ސުވާ އަނގައަށްލީމެވެ. އާދަޔާޚިލާފަށް މަސްހުނީގައި ފޮނި ގަދަކަން ފާހަގަކުރެވުނެވެ. އަހަރެން ފިރިމީހާއާއި ދިމާއަށް ބުނެލީމެވެ " މިހާރު ބަރަބޯވެސް ހާދަހާ ފޮނިވާން ފަށައިފިއެވެ. ޔަޤީނެވެ. އަހަންނަށް މަސްހުނި މިލެވުނީ ފޮނި ބަރަބޮލަކުއެވެ." މިހެން ބުނެލުމަށްފަހު ކައިރީހުރި ފަޅޯފަނިތަށި ތުނބުގައި ޖަހައި އެތިފޮދެއް ބޯލީމެވެ. އަސްތާއެވެ. އަހަންނަށް ހޮޑު ނުލެވުނީ ހަމަ ކިރިޔާއެވެ. ފަޅޯފަނީގައި މިލަނީ ކޮންރަހައެއް ހެއްޔެވެ؟ ފޮނި ރަހައެއް ނުލައެވެ.
މިވީގޮތަކާމެދު އަހަރެން ވިސްނާލީމެވެ. އިރުކޮޅަކުން އަހަންނަށް ވިސްނިއްޖެއެވެ. އަހަންނަށް މަސްހުނި މިލެވުނީ ފަޅޮލުގައެވެ. ފަނި މިގިރުނީ ބަރަބޮލުގައެވެ. މިވީ ގޮތެއްތާއެވެ. އަހަރެން ގާތަށް ހިނިވެސްއައެވެ. އެކަމަކު އަނެއްކާ މިޖެހުނީ ރޯދަ ވީއްލުމަށް އެއްޗެއް ތައްޔާރު ކުރާށެވެ. ަެ
No comments :
Post a Comment